Enactment of the Penal Code – A Historical Moment!

201507.15
0

ޤާނޫނުލްޢުޤޫބާތަށް ޢަމަލު ކުރަން ފެށުން – ތާރީޚީ ޙާދިސާއެއް!

ފުރަތަމަ ކަމަކީ، މިޤާނޫނުގެ 40، 50 އަދި 60 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ދިފާޢުތައް ލިބުމެވެ. މިސާލަކަށް، މީހަކު ކުށެއް ކުރީ އެމީހާގެ ނަފްސުގެ ދިފާޢުގައި ކުރި ކަމެއްގެ ތެރޭގައި ކަމަށްވާނަމަ، ނަފްސުގެ ދިފާޢު، އެއީ ދިފާޢެއްގެ ގޮތުގައި ނަގައިގެން ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދަޢްވާ ލިބޭ މީހާއަށް ލިބޭނެއެވެ. މިގޮތުން 40 ވަނަ ބާބުން 6 ދިފާޢެއް، 50 ވަނަ ބާބުން 7 ދިފާޢެއް އަދި 60 ވަނަ ބާބުން 6 ދިފާޢެއް
މިޤާނޫނުން ތަޢާރަފު ކުރެއެވެ. އެދިފާޢުތައް ލިބޭނޭ މީހުންނާއި ލިބޭނޭ ގޮތްތައް އެމާއްދާތަކުގައި ތަފްޞީލުކޮށްފައިވެއެވެ. މިހުރިހާ ދިފާޢުތަކުގެ ތެރެއިން އެމީހަކާ ގުޅޭ ދިފާޢެއް ހުށަހެޅުމުގެ ޙައްޤު ދަޢްވާ ލިބޭ މީހާއަށް ލިބިގެންވާނެއެވެ.

ދެވަނަ ކަމަކީ، އަދަބު ދިނުމުގައި ލުއި އަދަބު ލިބުމެވެ. މިއީ ޤާނޫނުއަސާސީން ކަށަވަރު ކޮށްދޭ ކަމެކެވެ. ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި އޮންނަނީ؛ "ކުށެއް ކުރުމާއި، އެކުށެއް ކުރި މީހާއަށް ޙުކުމް ކުރުމާ ދެމެދު، އެކުރި ކުށެއްގެ އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެމީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ އަދަބެވެ." މިހެންނެވެ. އެހެންކަމުން، އަދަބު ދިނުމުގެ ކުރިން މައްސަލަ ބައްލަވާ ފަނޑިޔާރު ވަޒަން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ، ދެޤާނޫނުގައިވެސް ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއްނަމަ، އެދެކަމަށް ދެޤާނޫނުގައި އޮތް އަދަބެވެ. އެއަށްފަހު، އެދެއަދަބުންކުރެ ލުއި އަދަބެއް އެމީހަކަށް ދިނުމަކީ ޤާނޫނުއަސާސީން ފަނޑިޔާރުންނަށް ލާޒިމުކުރާ ކަމެކެވެ. މިނޫން ގޮތަކަށް ފަނޑިޔާރު މައްސަލައެއް ނިންމަވައިފިނަމަ، އެމައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ޙައްޤު ދަޢްވާ ލިބޭ މީހާއަށް ލިބިގެންވެއެވެ. ކުރިއާ ޚިލާފަށް، މިޤާނޫނަށް ޢަމަލުކުރަން ފެށުމުން، ހަމައެކަނި އަދަބު ދިން ގޮތާބެހޭ ގޮތުން ނުވަތަ ހަމައެކަނި އަދަބުގެ މިންވަރާބެހޭ ގޮތުންވެސްހައިކޯޓުގައި އިސްތިއުނާފު ކުރެވިދާނެއެވެ. އިސްތިއުނާފު ކުރި ކަންކަން ހައިކޯޓުން ބެއްލެވުމަށްފަހު، އެމައްސަލައިގައި އަދަބު ދެއްވާފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ލުއި ކޮށް ކަމަށް ނުވާނަމަ، އަލުން ލުއި އަދަބަށް ބަދަލު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.

 

މިހާރު ޙުކުމް ކުރެވިފައިވާ މައްސަލަތަކުގައި ވާނެ ގޮތް

މިޤާނޫނަށް ޢަމަލު ކުރަން ފެށުމުގެ ކުރިން، ޙުކުމް ކޮށް ނިމިފައިވާ މައްސަލައަކަށް މިޤާނޫނަކުން އެއްވެސް ލުޔެއް ނުލިބޭނެއެވެ. އެއީ، އެމައްސަލައިގެ ޝަރީޢަތުގެ މަރްޙަލާތައް ނިމިފައިވާނަމައެވެ.

 

އިސްތިސްނާވާ ޤާނޫނުތައް

މިޤާނޫނުލްޢުޤޫބާތަށް މިއަދު ޢަމަލުކުރަން ފެށި ނަމަވެސް، މިޤާނޫނުގެ 18 ވަނަ މާއްދާ ނިޔާކުރާ ގޮތުން، މިޤާނޫނުން އިސްތިސްނާވާ ޤާނޫނުތަކެއް އެބަހުއްޓެވެ. މިގޮތަށް އިސްތިސްނާ ކުރުމުގެ މާނައަކީ، މިޤާނޫނުގައި ކުށް އޮތް ނަމަވެސް، އިސްތިސްނާކޮށްފައިވާ ޤާނޫނެއްގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއްނަމަ، އިސްކަންދޭނީ އެޤާނޫނަށް ކަމަށްވުމެވެ. މިޤާނޫނުތަކަކީ؛

ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމާބެހޭ ޤާނޫނު)

ޤާނޫނު ނަންބަރު 2010/17 (ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރާ ޤާނޫނު)

ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)

ޤާނޫނު ނަންބަރު 2013/12 (މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު)

ޤާނޫނު ނަންބަރު 2013/13 (އެންޓި ޓޯޗަރ ޤާނޫނު)

ޤާނޫނު ނަންބަރު 2014/10 (މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމް ފައިނޭންސިންކުރުން ހުއްޓުވުމުގެ ޤާނޫނު)

ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު) މިއެވެ.

 

މިދެންނެވި ޤާނޫނުތައް، ޤާނޫނުލްޢޫޤޫބާތުގެ ތެރެއަށް ވަދެގެން ދިއުމާމެދު، 15 ޖުލައި 2016 ގެ ކުރިން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަވަންޖެހެއެވެ. މިޤާނޫނުތަކުގެ ދަށުން ދަޢްވާކުރާ މައްސަލަތަކުގައި، ޤާނޫނުލްޢުޤޫބާތުގައި އޮތް ކުށެއްވެސް އަދި އަދަބެއްވެސް އެޕްލައި އެއް ނުވާނެއެވެ. އެޙާލަތުގައި ޢަމަލުކުރާނީ މިލިސްޓުގައި ހުރި ޤާނޫނުތަކަށެވެ. ނަމަވެސް، އެޙާލަތުތަކުގައިވެސް ޤާނޫނުލްޢުޤޫބާތުގައި ހުރި ދިފާޢުތައް، ދައްވާލިބޭ މީހާއަށް ލިބިގެންވާނެއެވެ. އެދިފާޢުތަކުގެ ބޭނުން ކުރެވިދާނެއެވެ. އެއިން ދިފާޢެއް ސާބިތުކޮށްދެވިއްޖެނަމަ، އެމީހަކަށް އަދަބެއް ނުދެވޭނެ ޙާލަތެއްވެސް މެދުވެރިވެދާނެއެވެ. މިސާލަކަށް، އެމީހަކު ކުށްކުރިއިރު، އެމީހާ ހުރީ އޭނާގައި ހުރި ބައްޔެއްގެ ސަބަބުން ސިކުނޑިއަށް އުނިކަން އައިސްފައިކަމަށް އޭނާއަށް ސާބިތުކޮށްދެވިއްޖެނަމަ، އެމީހަކަށް އަދަބެއް ނުދެވޭ ޙާލަތެއް މެދުވެރިވެދާނެއެވެ.

 

މިދެންނެވި ކަންކަމާއެކު ޤާނޫނުލްޢުޤޫބާތަށް މިއަދު ޢަމަލުކުރަން ފެށުމަކީ ތާރީޚީ ކަމެކެވެ. ތާރީޚީ ޙާދިސާއެކެވެ. މިބަދަލުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޖިނާއީ ޢަދުލުގެ ނިޒާމު، ދުނިޔޭގެ ފެންވަރުގެ ނިޒާމަކަށް ބަދަލުވުމަށް މަގުފަހިވެގެންދާނެއެވެ.

 

ޤާނޫނުލްޢުޤޫބާތަކީ އިންސާނުން ހަދާފައިވާ ޤާނޫނެކެވެ. މިޤާނޫނުގައި އުނިކަންކަން ހުންނާނެކަމީ އެއްވެސް ޝައްކެއް ނެތް ކަމެކެވެ. ނަމަވެސް، އެ އުނި ކަންކަމަކީ ކޮން ކަންތައްތަކެއްކަން އެނގޭނީ މިޤާނޫނަށް ޢަމަލުކުރަން ފެށުމުންނެވެ. އެހިސާބުން މިޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނެސް، އިތުރަށް ޤާނޫނު ފުރިހަމަ ކުރާނީއެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް، ޤާނޫނެއް ރަނގަޅުކޮށް، ފުރިހަމަ ކުރުމަށް ގިނަ ދުވަސްތަކެއް ނަގައެވެ. ހަމަ އެބީދައިން ދިވެހިރާއްޖޭގައިވެސް ކަން ހިނގާނީ އެގޮތަށެވެ. ވީމާ، ކުރިއަށް އޮތް ތަނުގައި ކުރަންވީ ކަމަކީ، ޤާނޫނުގައި ހުރި ލޯވަޅުތައް ފާހަގަކޮށް، އެލޯވަޅުތައް ބައްދަންވީއެވެ. އެކަން ކުރާނޭ ނިޒާމެއް، އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ ޤާއިމުކޮށްފައެވެ. ކުރީގެ ޤާނޫނުތަކުގެ ތަޖުރިބާގެ އަލީގައެވެ. އެއީ، ލީގަލް ސެކްޓަރ ރިސޯސް ސެންޓަރެވެ. އެސެންޓަރުން ދިރާސާކޮށް، ހުރިހާ މުއައްސަސާތަކާ ވާހަކަ ދައްކާ، މަޝްވަރާކޮށް، މިޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

ޤާނޫނީ ނިޒާމު ހަރުދަވާ ވާނީ ރަނގަޅު ޤާނޫނުން އެކަންޏެއް ނޫނެވެ. އެޤާނޫނުތައް އޭގެ ރަނގަޅު ގޮތުގައި ހިންގިގެންނެވެ. ޤާނޫނު ނުހިންގޭނަމަ، ކިތަންމެ މޮޅު ޤާނޫނަކުންވެސް އެއްވެސް ތަސައްލީއެއް ނުލިބޭނެއެވެ. އެހެންކަމުން، މިފުރުޞަތުގައި، ދަތިތަކާއި ކޮށިއެރުންތަކާއެކުވެސް މިޤާނޫނުގައި ބުނާ ގޮތަށް އިޚްލާޞްތެރިކަމާއެކު ކަންތައްތައް ކުރުމަށް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ގޮވާލަމެވެ. މައްސަލައެއް ޖެހުމަކީ މައްސަލައެއް ނޫނެވެ. މައްސަލަ ޖެހުނީމާ މައްސަލަ ޙައްލު ކުރާނީއެވެ. އަޞްލު މައްސަލައަކީ، މައްސަލަ ޙައްލު ކުރުމުގެ ޝައުޤުވެރިކަން ނެތުމެވެ.

 

މިއަދަކީ، 16 ޖުލައި 2015 އެވެ. މިއީ، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެކެވެ. މިއަދު އަޅުގަނޑުމެން މިއުފަން ކުރަނީ ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ވަރަށް ބޮޑު އިންޤިލާބީ ބަދަލެކެވެ. މިވަގުތު ކޮޅަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު އެކީ އެއްކޮށް އައުކޮށް، މުޅިން އައު ޤާނޫނުލްޢުޤޫބާތަކަށް ޢަމަލު ކުރަން ފަށާ ތާރީޚީ ވަގުތެވެ.

ޤާނޫނު ނަންބަރު 2015/12 (ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާ ނިޔާ ކުރާ ގޮތުން، ޤާނޫނުލްޢުޤޫބާތަށް ޢަމަލު ކުރަން ފަށާނީ 16 ޖުލައި 2015 ވަނަ ދުވަހުއެވެ. ޤާނޫނީ ގޮތުން، 15 ޖުލައި 2015 ވަނަ ދުވަހުގެރޭ 11:59 ގައި ކުރީގެ ޤާނޫނުލްޢުޤޫބާތު އުވި، 16 ޖުލައި 2015 ދުވަހުގެ 00:00 އިން ފެށިގެން އައު ޤާނޫނުލްޢުޤޫބާތަށް ޢަމަލު ކުރަން ފެށުނީއެވެ.

ތާރީޚީ ގޮތުން މިވަގުތުކޮޅު މުހިންމުވަނީ މިއީ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މިހާބޮޑު އިންޤިލާބީ ބަދަލެއް ޤާނޫނަކަށް ގެންނަ ވަގުތު ކަމަށްވާތީއެވެ. މިބާވަތުގެ ޤާނޫނީ ގޮތުން ތާރީޚީ ކަންތައްތަކެއް މީގެ ކުރިން ހިނގައިފައި އެބަހުއްޓެވެ. މިގޮތުން، 7 އޮގަސްޓް 2008 ދުވަހު މުޅިން އައު ޤާނޫނުއަސާސީއަކަށް ޢަމަލު ކުރަން ފެށުމަކީ އޭގެ އެއް ހާދިސާއެވެ. 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީގެ ސަބަބުން ޖިނާއީ ޢަދުލުގެ ނިޒާމުގެ ހިންގުމަށްވެސް ވަރަށް ބޮޑު ބަދަލެއް އައެވެ. އެޤާނޫނުއަސާސީއަކީ، ރައްޔިތުންނަށް ގިނަގުނަ އަސާސީ ޙައްޤުތަކެއް ލިއްބައިދިން ޤާނޫނުއަސާސީއެވެ. ޚިޔާލުތަފާތުވާ މީހުން ޚިޔާލު ތަފާތުވީ ނަމަވެސް، ކޮށިއެރުންތަކެއް ހުރި ނަމަވެސް، ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމަށްފަހު މިވޭތުވެދިޔަ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި ކުރިން ނުދެކޭވަރުގެ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.

ޤާނޫނުއަސާސީން ޖިނާއީ ޢަދުލުގެ ނިޒާމަށް ގެނައި އިޞްލާޙުތައް ޙަޤީޤަތުގައި ފުރިހަމަވެގެންދާނީ ޤާނޫނުލްޢުޤޫބާތާ އެކުގައެވެ. މިސާލަކަށް، ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި އޮންނަނީ، "ޤާނޫނެއް ނުވަތަ ޤާނޫނަކުން ބާރު ލިބިގެން ހަދާ ޤަވާއިދަކުން ވިޔަސް އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ، އެޤާނޫނެއް ނުވަތަ ޤަވާޢިދަކީ ޢާންމު ކޮށް ޝާއިޢުކޮށްފައިވާ އެއްޗަކަށް ވާނަމައެވެ. އަދި މަނާކުރެވޭ ކަންތަކާއި، އެއިން ކަމެއް ކޮށްފި މީހަކަށް ދެވޭނެ އަދަބު ސާފުކޮށް ބަޔާންކޮށްފައި އޮވެގެންނެވެ." މިހެންނެވެ. މިމާއްދާގައި މިބުނާ ކުށާއި އަދަބު ސާފުކޮށް ބަޔާންކުރާ ޤާނޫނަކީ މިއަދު ޢަމަލުކުރަން ފެށުނު ޤާނޫނުލްޢުޤޫބާތެވެ. މިޤާނޫނުލްޢުޤޫބާތުގައި ކުށަކީ ކޮބައިކަމާއި، އެކުށަށް ދެވޭނެ އަދަބަކީ ކޮބައިކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޢާންމުންނަށްވެސް އެޤާނޫނު ކިޔައިލުމުން އެނގޭހާ ފަސޭހަކޮށެވެ. ޤާނޫނީ ބަހުރުވައަކުން ނޫނެވެ.

މިއަދު ޢަމަލުކުރަން ފެށުނު ޤާނޫނުލްޢުޤޫބާތަކީ، ޤާނޫނުއަސާސީން ޖިނާއީ ޢަދުލުގެ ނިޒާމަށް ގެނައި ބަދަލުތައް ފުރިހަމަކޮށްދޭން އެހީތެރިވެދޭނެ މުހިންމު ޤާނޫނެކެވެ. މިޤާނޫނުގެ ސަބަބުން ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހާމަކަމާއި ހަމަހަމަކަން އިތުރު ވެގެންދާނެއެވެ. ޤާނޫނު ތަންފީޒުކުރާ މީހުންނަށް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަމާއި، އަދަބު ދިނުމުގައި ފަނޑިޔާރުން ޢަމަލުކުރަންޖެހޭ އުޞޫލުތައް ސާފުވެގެންދާނެއެވެ. ކުށެއް ކުރާ މީހަކަށް ލިބޭނެ ދިފާޢުތައް (މިސާލަކަށް، ނަފްސުގެ ދިފާޢު، މުދަލުގެ ދިފާޢު، ޤާނޫނު ތަންފީޒުކުރާ މީހަކަށްވީތީ ލިބޭ ދިފާޢުފަދަ) މިޤާނޫނުގައި ވަކި ތަރުތީބަކުން ބަޔާންކުރެވިފައިވެއެވެ. މިނޫންވެސް، މިހާރު ޢާންމު ރައްޔިތުންނަށް ނޭނގޭ (ނަމަވެސް، ކޮންމެހެން އެނގެންޖެހޭ) އެތައް އެތައް ކަމެއް މިޤާނޫނުގެ ސަބަބުން ސާފުވެ، ފަހިވެގެން ދާނެއެވެ.

އެއްވެސް މީހަކަށް، އެމީހަކާމެދު ކަންކަން ކުރެވޭނެ ގޮތްތައް ޤާނޫނަކުން ސާފުވެފައި އޮތުމަކީ، ޤާނޫނުގެ ބާރު ހިނގުމުގެ ފަލްސަފާއާ ގުޅިފައިވާ މުހިންމު މަބްދައެކެވެ. މިޒަމާނަކީ މަޢްލޫމާތުގެ ޒަމާނެވެ. ކަންކަން ހާމަކުރުމުގެ ޒަމާނެވެ. ވީމާ، އެމީހަކާމެދު ކަންކަން ކުރެވޭނެ ގޮތް ކުރިން އެނގިފައި އޮތުމަކީ، އެމީހެއްގެ އިތުބާރު ޤާނޫނީ ނިޒާމަށް ލިބޭނެ ކަމެކެވެ. ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިހާރު ބޭނުންވެފައިވާ އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންގެ އިތުބާރެވެ. އެއިތުބާރު ލިބުމަށް ކޮށޭ މަގަކީ މިޤާނޫނުލްޢުޤޫބާތެވެ.

މިއަދު މިޤާނޫނުލްޢުޤޫބާތަށް ޢަމަލު ކުރަން ފެށުމާއެކު، 16 ޖުލައި 2015 ދުވަހުގެ 00:01 އިން ފެށިގެން ހިނގާ ހާދިސާތަކަށް ޢަމަލުކުރެވޭނީ މިއައު ޤާނޫނެވެ. އޭގެ ކުރިން ހިނފައިވާ ޙާދިސާތަކަށް އަދިވެސް ޢަމަލުކުރާނީ އެއިރަކު އޮތް ޤާނޫނެކެވެ. އޭގެ ޙިކުމަތަކީ، ޤާނޫނަކުން ކަމެއް ކުށްވެރި ކުރާނަމަ، އެކަމުގެ ނޯޓިސް އެމީހަކަށް ދޭންޖެހޭތީއެވެ. މީހަކު ޢަމަލެއް ކުރިއިރު ކުށަކަށް ނުވާ ކަމެއް، ފަހުން ހެދޭ ޤާނޫނަކުން ކުށަކަށްވެގެން އެމީހެއްގެ މައްޗަށް އެކަމުގެ މައްޗަށް ދަޢްވާ ކުރުމަކީ ޤާނޫނީ ގޮތުން އިންޞާފުވެރި ކަމެއް ނޫނެވެ. މިޤާނޫނަށް ޢަމަލުކުރަން ފެށުނީ މިއަދުއެވެ. އެހެންކަމުން ނޯޓިސް ދެވުނީ މިއަދުއެވެ. މިއަދުން ފެށިގެން މިޤާނޫނުގައި ބުނާ ކުށެށް ކޮށްފިނަމަ ހިނގާނީ މިޤާނޫނެވެ.

މިހާރު ތަޙްޤީޤު ކުރެވެމުންދާ މައްސަލަތަކަށް ވާނެ ގޮތް

ދެން އުފެދޭ ސުވާލަކީ، މިހާރު ތަޙްޤީޤު ކުރަމުންދާ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތެވެ. 16 ޖުލައި 2015 ދުވަހުގެ ކުރިން ހިނގައިފައިވާ ޙާދިސާތަކަށް ތަތުބީގު (ނުވަތަ އެޕްލައި) ކުރާނީ އޭރު ޢަމަލުކުރަމުން ދިޔަ ޤާނޫނެވެ. 16 ޖުލައި 2015 ގެ ފަހުން ހިނގާ ޙާދިސާތަކަށް އެޕްލައި ކުރާނީ ޤާނޫނުލްޢުޤޫބާތެވެ. ބައެއް ފަހަރު، ޖިނާއީ މައްސަލަތައް ފުލުހުންނަށް ހުށަހެޅެނީ އެމައްސަލައެއް ހިނގާތާ ދުވަސް ކޮޅެއް ފަހުން ކަމަށްވާތީ، މިޙާލަތުގައި ފުލުހުން ބައްލަވަންޖެހޭނީ ޙާދިސާ ހިނގި ތާރީޚެވެ. ޙާދިސާ ހިނގި ތާރީޚުގެ ގޮތުން ޢަމަލުކުރަންޖެހޭ ޤާނޫނު ތަފާތު ވެދާނެއެވެ. އެހެންކަމުން ކުޑަ ދުވަސްކޮޅެއް ވަންދެން ދެޤާނޫނެއް ބައްލަވަން ޖެހިވަޑައިގަންނަވާނެއެވެ. ނަމަވެސް މިކަން ދުވަސްކޮޅަކުން ޙައްލުވާނެއެވެ. އެއީ، 16 ޖުލައި 2015 ގެ ފަހުން ހިނގާ ހާދިސާތަކުގެ މައްސަލަތައް ފުލުސް އޮފީހަށް ހުށަހަޅަން ފެށުމުންނެވެ. މިކަން މިގޮތަށް ދިމާނުވާނެ ގޮތަކަށް ޤާނޫނެއް ނުވެސް ގެނެވޭނެއެވެ. އެއީ، މިޤާނޫނަކީ ޖިނާއީ ޤާނޫނަކަށްވެފައި، އެއްވެސް މިންވަރެއްގެ ހުއްޓުމެއް ޖިނާއީ ޤާނޫނަކަށް ގެނެސްފިނަމަ، ކުށްކުރުން ހުއްދަވާ ދުވަސްކޮޅެއް އަތުވެދާނެތީއެވެ. އެކަމަކީ ޤާނޫނީ ގޮތުން ހުއްދަކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ކުޑަ ދަތިކަމަކާއެކު ވިޔަސް، މިގޮތަށް ޢަމަލު ކުރަން ޖެހެނީއެވެ. މުޅި މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ފުލުހުންނާއި ޤާނޫނު ތަންފީޒުކުރާ މީހުން ކުޑަ ބުރައެއް އުފުއްލަވަން ޖެހިވަޑައިގަންނަވަނީއެވެ.

ފުލުހުންގެ ތަޙްޤީޤު ނިމި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކަށް ވާނެ ގޮތް

ފުލުހުންގެ ތަޙްޤީޤު ނިންމާ، ދަޢްވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވާ މައްސަލަތަކުގެ ތެރެއިން، މިހާރު ކޯޓަށް ހުށަނޭޅި ހުރި މައްސަލަތަކުގައިވެސް ޢަމަލު ކުރާނީ އަންނަނިވި ގޮތަށެވެ.

އެމައްސަލައިގައި ހިމެނޭ ޙާދިސާގައި ދަޢްވާ ލިބޭ މީހާއަށް ފައުޅުކަން ބޮޑު ދިފާއެއް ލިބިފައިވާކަމަށް ޕްރޮސިކިއުޓަރަށް ޤަބޫލު ކުރެއްވޭނަމަ، އެމައްސަލައެއްގައި ދަޢްވާ ކުރެއްވުމަކާ ނުލައި މައްސަލަ އަނބުރާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުއްވާ ލައްވާނީއެވެ. އެހެން ނޫންނަމަ، އެމައްސަލައިގައި ހާދިސާ ހިނގިއިރު އޮތް ޤާނޫނުގެ ދަށުން ދަޢްވާ ކުރާނީއެވެ. އޭރުން، އެމައްސަލައިގައި ދިފާޢެއް ލިބެން އޮތްނަމަ އެދިފާޢެއް ހޯދުން ވާނީ ދައްވާ ލިބޭ ފަރާތުގެ ކަމަކަށެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ކަމަކީ، އައު ޤާނޫނުގެ ދަށުން ލުއި އަދަބެއް ލިބޭ މައްސަލައެއް ކަމަށްވިޔަސް، ދަޢްވާކުރާނީ ހާދިސާ ހިނގިއިރު އޮތް ޤާނޫނުގެ ދަށުންނެވެ. ލުއި ލިބޭނީ އަދަބު ދިނުމާ ހަމައަށް އަންނައިރުއެވެ.

މިހާރު ދަޢްވާކުރެވިފައި ހުރި މައްސަލަތަކަށް ވާނެ ގޮތް

މިޤާނޫނަށް ޢަމަލު ކުރަން ފެށުމުން، މިހާރު ޝަރީޢަތަށް ހުށަހެޅިފައި ހުރި މައްސަލަތަކުގައި ހުށަހެޅިފައިވާ ދަޢްވާއަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ނަމަވެސް، އެފަދަ މައްސަލައެއްގައި ދަޢްވާ ލިބޭ މީހަކަށް ދެޙައްޤެއް ލިބިގެންދާނެއެވެ.